Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ބާސާ ކަޓުވާލާއި ޕީއެސްޖީ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ އާއި 1-1 އިން އެއްވަރުކޮށް، މުބާރާތުގެ ކުއާޓާފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-1 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ. ރޭގެ ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ އަށް ޕީއެސްޖީ ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ. މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ނުގޮސް ބާސާ މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ބާސާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ކުރީކޮޅު އެޓީމުން ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ބާސާ އަށް ނުހިފުނުއިރު މެޗުގެ 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ.

މި ގޯލު ކާމިޔާބުކުރިތާ ހަތް މިނެޓް ފަހުން ލިއޮނަލް މެސީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ބާސާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މެސީ ފޮނުވާލި އެ ޕެނަލްޓީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ބާސާ އިން ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް އެޓީމަށް ވަނީ ނަތީޖާ އަނބުރާ ލެވޭ ގޮތް ނުވެފައެވެ.

ޕީއެސްޖީގެ އިތުރުން ރެޑްބުލް ލީޕްޒިގްގެ މައްޗަށް 2-0 އިން ކުރި ހޯދައި ލިވަޕޫލް ވެސް ވަނީ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުވެސް 2-0 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލް އިންނެވެ. ރޭގެ މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެ ފޯވާޑުން ކަމަށްވާ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހެވެ.

މުބާރާތުގެ ކުއާޓާގައި ޕީއެސްޖީ އަދި ލިވަޕޫލް ބައްދަލުކުރާނެ ޓީމެއް އިނގޭނީ މި މަހުގެ 19 ވަނަ ދުވަހު ނަގާ ގުރުއަތުލުމުންނެވެ.