ސައުތްހެމްޓަންގެ މައްޗަށް 5-2 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 14 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 68 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 54 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ކެވިން ޑެ ބްރައިނާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ވާޑް ޕްރައުސް ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ދެ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އެ ދެ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ރިޔާޒް މަހްރޭޒް އާއި އިލްކާއި ގުންޑޮގާން އެވެ.
ދެވަނަ ހާފްގައި ސިޓީން އިތުރު ދެ ގޯލު ކާމިޔާބު ކުރިއިރު އެ ދެ ގޯލު ކާމިޔާބުކޮށްދިނީ މަހްރޭޒް އާއި ޑި ބްރައިނާ އެވެ. ސައުތްހެމްޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޗޭ އެޑަމްސްއެވެ.
ލީގުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ސިޓީން ނެގިއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ފުލަމްއާއެވެ.