Last Updated: May 1, 00:08
Tuesday, April 30, 2024
ޚަބަރު ބީއެމްއެލް

މިދިޔަ އަހަރު ބީއެމްއެލްގެ އެހީތެރިކަން 100 އަށްވުރެއް ގިނަ ރަށަށް

މިދޔަ 2020 ވަނަ އަހަރު ބީއެމްއެލްއިން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެއް ގިނަ ރަށަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން މިދޔަ އަހަރުތެރޭ ކުރެވިގެންދިޔަ މުހިންމު މަސައްކަތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް މާލީ ގޮތުންވެދީފައިވާ އެހީތެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2020" ޝާއިއުކުރުމާއި ގުޅޭގޮތުންނެވެ.

ބީއެމްއެލްއިން ބުނެފައިވަނީ 100 އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސަރޝިޕްތައް މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކޮވިޑްގެ ބަލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކުވެސް ބޭންކުން ސީއެސްއާރ ޕްރޮޖެކްޓްތަށް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް އިޖްތިމާއީ ޒިންމާގެ ދަށުން ފާއިތުވެދިޔަ އަހަރުވެސް ހަރަކާތްތަކެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނު ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އެގޮތުން ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިޢާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢާތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގޭ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" މެދުވެރިކޮށް އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް އިންވެސްޓްކުރެވުނުކަމަށެވެ. މިގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗަރ ޕާކް ތަރައްގީކުރުމާއި، ސޯލަރ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް ބޭންކުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، މިގޮތުން މިދިޔަ އަހަރު ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދީ ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ވަނީ ފޯރިކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެެވެ. މިއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވެފައިވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

އަތޮޅު ތެރޭގައި ބޭންކިންގ ވިއުގަ ފުޅާކުރުމަށްޓަކައި ވެސް މިދިޔަ އަހަރު ވަނީ އިތުރަށް އިންވެސްޓް ކުރެވިފައެވެ. މި ގޮތުން 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލުނެެގެސްފައިވާ ކަމަށާއި އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގުވެސް ތަނަވަސްކޮށްދެވިފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.

ބޭންކުން ވަރަށް ހާއްސަކަމަށް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއަރ މިދިޔަ އަހަރު ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވަކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ.