ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ޖަނަވަރީ 31، 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންވަނީ އަތުލައިގެންފައެވެ.
މި މައްސަލައިގައި ދުވާ ކޮށްފައިވަނީ، ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. އެ މީހުންގެ މައްޗަށް ކުރަނީި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނެރުނު އަމުރު މުރާޖާ ކުރުމަށްފަހު ކްރިމިނަލް ކޯޓުން އަރުޝަދު ބަންދުން ދޫކޮށްލާފައިވަނީ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.
އަރިޝަދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައިކޯޓުން ކުރި ހުކުމައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ. މި މައްސަލައިގަިއ އަރުޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.