ރައްޔިތުންގެ މަޖިލީހުގެ ސ. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަޠީފް ޖުމްހުރީ ގުޅުމަށް ތާއިދު ކުރަން ނިންމަވައިފި އެވެ.
ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސަން ލަޠީފް ވިދާޅުވީ ޖުމްހުރީ ގުޅުމަށް ތާއިދު ކުރަން ނިންމެވީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.
ރިއާސީ އިންތިހާބްގެ "ބާޠިލް" ކުރި އިންތިހާބްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ތާއިދު ކުރެއްވި ހަސަން ލަޠީފް ރޭ ޖުމްހުރީ ހިތަދޫ މައި މާލަމްގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ޖުމްހުރީ ގުޅުމަށް ތާއިދު ކުރުމަށް ނިންމެވީ ގައުމާއި، ރަށަށް އަދި އަތޮޅަށް ކުރިއެރުން އެދޭތީ ކަމަށެވެ.
"އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ރަށައް، އަތޮޅަށް، ގައުމަށް ކުރިއެރުން ހޯދައި ދިނުމަށް އެދޭމީހެއް، އެގޮތުން އަޅުގަނޑު މިހާތަނަށް މަސައްކަތްކޮށްފައި ވާނީ. އެގޮތުން ބަލާ އިރު އަޅުގަނޑު އެބަ ޖެހޭ މި ރަށަށް، މިއަތޮޅަށް، މި ގައުމުމަށް ކުރިއެރުން ހޯދައިދޭން. އެކަން ކުރެވެން މިއޮތީ ޖުމްހުރީ ގުޅުމުގެ ރިއާސީ ކެންޑިޑޭޓަށް ތާއިދުކޮށްގެން." ލަޠީފް ވިދާޅުވި އެވެ.
ލަޠީފް ވިދާޅުވީ އައްޑު އަށް ގިނަ ވިޝަންތަކެއް އަބަދުވެސް ހަދަމުން ގެންދާ ކަމަށެވެ.
ނަމަވެސް އެއިން އެއްްވެސް ވިޝަނެއްގައި ކުލަޖެހިފައި ނުވާ ކަމަށެވެ.
"ގާސިމް އަިބްރާހިމްގެ މެނިފެސްޓޯގައި އެބައޮތް ވަރަށް ފުރިހަމައަށް އައްޑޫ ތަރައްޤީ ކުރައްވާނެ ޕްލޭންވެސް އަދި މުޅި ރާއްޖެވެސް އެބޭފުޅާ ތަރައްޤީ ކުރައްވާނެ ގޮތްވެސް"
ހަސަން ލަޠީފް ވިދާޅުވީ ޖުމްހުރީ ގުޅުމުގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަށް ތާއިދުކުރައްވަން ނިނެމްވި ދެވަނަ ސަބަބަކީ އެމަނިކުފާނަކީ ރައްޔިތުންގެ ކަންކަމަށް އިސްކަން ދެއްވައިގެން ވަގުތައް ނިންމަވާ ބޭފުޅަކަށްވާތީއެވެ.
"އަޅުގަނޑަށް ގާސިމް އިބްރާހިމް ފެނިފައިވަނީ މަޖިލިހޫގެ ތެރޭގައި ދިމާވާ ބޮޑެތި ކަންކަމުގައި ނިންމަވާ ނިންމެވުން، އަބަދުވެސް ބޮޑު ކަމކާއި ދިމާވެއްޖިޔާ ގާސިމް އިސްކޮށް ހުންނަވާނީ، މިސާލަކަށް ބަޖެޓް ކަމެއް ނުވަތަ އެފަދަ ބޮޑު ކަމަކާއި ދިމާވެގެން މަޖިލީހުން ކޮމެޓީއެއް ނަގައިފިއްޔާއޭގެ މުގައްރިރަކަށް އަބަދުވެސް ނަންގަވާނީ ގާސިމް، ގާސިމް އާއި ހަވާލު ކުރައްވާ މަސައްކަތް އަބަދުވެސް ވަގުތައް ނިންމެވޭތޯ މަސައްކަތް ކުރައްވާ"
ހަސަން ލަޠީފް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ގާސިމް އަކީ ރޯލް މޮޑެލް އެއްކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އަމިއްލަ ގޮތުންންނާއި އިޖްތިމާއީ ގޮތުން ހިދްމަތް ކޮށްދެއްވަމުން ގެންދަވާ ކުޅަދާނަ ލީޑަރެއްްކަމަށެވެ.
މި ޖަލްސާގައި ހަސަން ލަޠީފް ވަނީ އޭނާގެ އާއިލާއަށާއި އޭނާއަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން ގާސިމްއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.