Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ޒަހާގެ މައްސަލަ ވެއްދީ ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް: އެމްއާރްއެމް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ފިތުނަ އުފެއްދުމަށްކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ،

އެމްއާރްއެމްއަށް ނިސްބަތްވާ މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން 10 މެމްބަރުންގެ ސޮޔާއިއެކުއެވެ.

އެ މައްސަލައާއި ގުޅިގެން އެމްއާރްއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިނިސްޓަރ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.

މިނިސްޓަރު ޒަހާ މަގާމާ ހަވާލުވެ ވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ޤާނޫނު ޒަމާނީ ޤާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަވާލި ކަމަށާއި، އަދި ކޮވިޑްގެ ދަތި ޙާލަތުގައިވެސް އިޤްތިސާދީ މުހިންމު ސިނާއަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވި ކަމަށެވެ.

"ކޯލިޝަން ސަރުކާރުން ޤައުމުގެ އިސް މަޤާމުތަކުގައި އަންހެނުންނަށް ފުރުޞަތުދެއްވާފައި ވާއިރު އެކަމާއި ޙަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވުމަކީ މި ޕާޓީއިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކެމެކެވެ. ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ޙިއްޞާ އިތުރު ކުރުމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާއިރު، މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެކެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ޤާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗރ ޞިނާޢަތެއް ރާއްޖޭގައި ތަރައްޤީކުރުމަށް މިނިސްޓަރު ޒަހާ ކުރައްވާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ. އޭގެ އިތުރުން، މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރ ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުންވެސް މިނިސްޓަރ ޒަހާގެ ހިންގުންތެރިކަމާއި ޤާބިލުކަން އެނގިގެންދާކަން އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.