Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އިލެކްޝަން ކަމިޝަން

ހަބީބުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު

އިލެކްޝަން ކަމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބު އާއި ގުޅޭ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައިވަނީ ހަބީބު އެތަނުގެ ދެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މުވައްޒަފުން ސިޓީއަކުން ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން ރޭ ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައެވެ.

އީސީން ބުނީ ހަބީބު އާއި ގުޅޭ އެފަދަ މައްސަލައެއްް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް އުޅޭ ނަމަ ކަމިޝަނުގެ އެކަމަށް ހާއްސަ ކޮމެޓީއަށް ހުށަހެޅުމަށް މުވައްްޒަފުންނަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ހަބީބުގެ މައްޗަށް ތުހުމަތު ކުރާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ އާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހަބީބު ކުރެއްވިކަން ކަށަވަރު ކުރެވިފައި ނުވާކަމަށް ކަމިޝަނުން ބުނެއެވެ.

އިސްމާއިލް ހަބީބު އީސީގެ ނައިބް ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަކުރަމް އިސްތިއުފާ ދެއްވާފައިވަނީ އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމުންނެވެ.