އިންޑިއާގެ މުމްބާއީއިން މާފަރު އިންޓަނޭޝަން އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހު ފަށާނެ ކަން އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މުމްބާއީއާ މާފަރާއި ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މާފަރާއި މުމްބާއީއާއި ދެމެދު ކޮންމެ ހަފްތާއަކުވެސް ތިން ފްލައިޓް ބާއްވާނެކަން ހާމަކޮށް މިހާދު ވިދާޅުވީ މި ދަތުރުތައް ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތަރު އަތޮޅުގެ ޓޫރިޒަމަށް ފައިދާ ވާނެ ކަމަށެވެ. އެގޮތުން މިކަމުގެ ފައިދާ އެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް ކުރާނެކަން ފާހަގަކުރެއްވިއެވެ.
"މި ފަށާ ފެށުމަކީ ތިން ފްލައިޓެއް، އިރާދުކުރެއްވިއްޔާ އެހެން ސިޓީއަކުން ވެސް ފެށުމުގެ އުންމީދުގައި. މިއީ ގެސްޓްހައުސް ތަކަށް ވެސް ރަނގަޅު ފުރުސަތެއް." މިހާދު ވިދާޅުވިއެވެ.
މާފަރު އެއާޕޯޓްގައި ޕްރައިވެޓް ޖެޓް ގިނަ އަދަދަކަށް ޖައްސާކަން ފާހަގަކޮށް މިހާދު ވިދާޅުވީ މިއަހަރު މިހާތަނަށް 211 ޖެޓަށް އެ ކުންފުނިން ހިދުމަތް ދީފައިވާނެ ކަމަށެވެ.