Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ބަނގުރާ ނައްތާލަނީ-- ފޮޓޯ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައި ކަމަށެވެ.

އިއްޔެ ނައްތާލާފައިވަނީ 42 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2012 ވަނަ އަހަރުގެ އެއް މައްސަލައަކާއި 2017 ވަނަ އަހަރުގެ އެއް މައްސަލައެއްގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނައްތާނުލެވިހުރި ޖުމްލަ 210 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މި ތަކެތީގެ ތެރޭގައި ހިމެނެނީ 210 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެއްޗެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތައްޓާއި ބާލިދީ އާއި ގޭސް އުނދުން އަދި ގޭސް ފުޅިފަދަ ތަކެތި ހިމެނޭކަމަށެވެ.