މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އެންމެ ގިނައިން ހުށަހެޅުނީ ޤައިދީންނާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ މަސައްކަތްތަކާ ގުޅޭ އަހަރީ ރިޕޯޓް ނެރެފައެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދޔަ އަހަރު އެކޮމިޝަނަށް 627 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުން އިސްނެގި 157 މައްސަލައަކާއި، ކޮމިޝަނަށް ހުށަހަޅާފައިވާ 510 މައްސަލައެކެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ މިދިޔަ އަހަރު އެންމެ ގިނައިން އެކޮމިޝަނަށް ހުށަހެޅިފައިވަނީ ޤައިދީންގެ ހައްޤުތަކާއި ގުޅޭ މައްސަލަތައް ކަމަށެވެ. އެއީ މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ޖުމުލަ 30 އިންސައްތަ މައްސަލައެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާއި، އަދި 2015 ވަނަ އަހަރުން ފެށިގެން ހުށަހެޅި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 308 މައްސަލައެއް މިދިޔަ އަހަރު އެޗްއާރްސީއެމުން ނިންމާފައިވާކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު އެންމެ ބޭނުންވި ގޮތަށް އެ ކޮމިޝަނަށް މަސައްކަތް ނުކުރެވުނު ނަމަވެސް ދިމާވި ގޮންޖެހުންތަކާއެކު ގިނަ މައްސަލަތަކެއް އެކަށީގެންވާ ގޮތެއްގައި ނިމިފައިވާކަމަށެވެ.