ފްރެންޗް ލީގުގައި ރޭ ނަންޓްސް އާއި ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ބައިވެރިވަމުންދަނިކޮށް އެޓީމުގެ މިޑްފީލްޑަރު އެންހެލް ޑިމަރިއާގެ ގެއަށް ވަގުން ވަދެއްޖެއެވެ.
ރޭގެ މެޗުން 2-1 އިން ޕީއެސްޖީ ބަލިވިއިރު މެޗުގެ ދެވަނަ ހާފްގެ ވަކި ހިސާބަކުން ޑިމަރިއާ ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފައެވެ. އަދި ގެއަށް ވަގުން ވަތް ކަމުގެ ހަބަރު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި އެ ކްލަބުގެ ޑިރެކްޓަރު ލިއޮނާޑޯ ދިނުމުން ޑިމަރިއާ ވަނީ މެޗު ނިމުމުގެ ކުރިން ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑިމަރިއާގެ ގެއަށް ވަގުން ވަތްއިރު އެ ގޭގައި އޭނާގެ އަންހެނުންނާއި ކުދިން ވެސް ތިއްބެވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް ގެންދިޔަކަމުގެ ރިޕޯޓެއް މިހާތަނަށް އެއްވެސް މީޑިއާކުން ކޮށްފައި ނުވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޑިމަރިއާގެ އިތުރުން ރޭގެ ވަގުތެއްގައި ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސްގެ މައިންބަފައިންގެ ގެއަށް ވެސް ވަގުން ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޭގެ މެޗުން ޕީއެސްޖީ ބަލިވުމުން އެޓީމު މިހާރު އޮތީ 60 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި 63 ޕޮއިންޓާ އެކު އޮތީ ލިލްއެވެ.