Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އުތުރު ތިލަފަޅު ޑްރާފްޓް އެއްބަސްވުން: ހަތިޔާރާއެކު އިންޑިއާ ސިފައިން 30 އަހަރަށް ތިބޭނެ!

އުތުރު ތިލަފަޅުގެ ސޮއިނުކޮށްއޮތް ޑްރާފްޓް އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.

އިންޑިއާ އާ ރާއްޖެއާ ދެމެދުވެވޭ ޑްރާފްޓް އެއްބަސްވުން ފޭސްބުކްގައި ލީކު ކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި އެމީހުންނަށް ހަތިޔާރާއި އެކު ހަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ސޮއިކޮށްފައި ނެތްއިރު، މީގައި ވާގޮތުން މި އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާލެވޭނެ ކަމަށް ވެއެވެ.

އުތުރުތިލަފަޅު ހާބަރާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރުއެވެ.

އެ އެއްބަސްވުމާއި ގުޅޭގޮތުން އެމްއެންޑީއެފުން އޭރު ބުނެފައިވަނީ އެތަނުގައި ހަތިޔާރާއި އެކު އެއްވެސް ބަޔަކު ނުތިބޭނެކަމަށާއި، އަދި އިންޑިއާ ސިފައިން އެތަނުގައި ނުތިބޭނެކަމަށެވެ.