ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށްބުނާ ލިޔުމެއް ލީކު ކޮށްލައިފިއެވެ.
މި ޑްރާފްޓް އެއްބަސްވުން ލީކް ކޮށްލާފައިވަނީ ޑީއެންއޭގެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި އެއްވެސް ބަޔަކު ސޮއިކޮށްފައިނުވާއިރު މިކަމާއި ގުޅިގެން އެމްއެންޑީއެފުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމުގައި އެމީހުންނަށް ހަތިޔާރާއި އެކު ހަރަކާތްތެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ލީކް ކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ސޮއިކޮށްފައި ނެތްއިރު، މީގައި ވާގޮތުން މި އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާލެވޭނެ ކަމަށް ވެއެވެ.