އުތުރު ތިލަފަޅު ޑްރާފްޓް އެއްބަސްވުން ކަމަށްބުނެ ދައުރު ކުރަމުންދަނީ ދޮގު ލިޔުމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ، 2021 މާރިޗު 15 ވީ ހޯމަދުވަހު، މީޑިއާގައި މައުލޫމާތުތަކެއް ދައުރުވަމުންދާކަން ޑިފެންސް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއްކަމަށެވެ.
"ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަމެވެ." ޑިފެންސް މިނިސްޓްރީގެ ބަޔާނުގަިއވެއެވެ.
މީގެ އިތުރުން ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާކަމަށެވެ.