ސިޔާސީ ބޭނުކަމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ފިނޑި އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުމެއްކަމަށް ބުނެ ދައުރު ކުރަމުން އަންނަ ލިޔުމާއި ގުޅިގެންނެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދައުރު ކުރަމުން އަންނަ ލިޔުމަކީ ދޮގު ލިޔުމެއް ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި ހަވާލާދީ ކަމަށް ބުނެ ހަޤީޤަތާއި ހިލާފު ދޮގު ހަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.
އަދި ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށުދަރަޖައިގެ ފިނޑިއަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުންކަމަށް ބުނެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.