ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް ހާމިދު ޢަބްދުލްޣަފޫރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރަކު އައްޔަން ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. ހާމިދު ފުލުހުންގެ ބޯޑަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ އިއްތިފާޤުންނެވެ.
ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން އަދި އިތުރު އެއް ފަރާތެއް ހޮވަން ޖެހޭއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަގާމަށް ކުރިމަތި ލުމަށް މިއަދު ހުޅުވާލާނެކަމަށެވެ.