Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ލީކް ވެގެން އުޅެނީ 2016 ގައި ރައީސް ޔާމީން ސަރުކާރުން ހެދި އެއްބަސްވުމެއް: ވިސާމް

މެމްބަރު މުހައްމަދު ވިސާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ލީކް ކޮށްލައިގެން އުޅެނީ 2016 ވަނަ އަހަރު އޭގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި އެއްބަސްވުމެއް ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލަ ބެލުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު ވިސާމް ވިދާޅުވީ އުމަރަކީ އަބަދުވެސް ދައްކަވާ ވާހަކަ ބަދަލުކޮށް އެ ދައްކަވާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއްކަން ވިދާޅުވާ ބޭފުޅެއްކަމަށެވެ. އެގޮތުން ރައީސް ޔާމީނާއި ގުޅޭގޮތުން ދެއްކެވި ގިނަ ވާހަކަތަކެއްވެސް އެއީ ސިޔާސީ ވާހަކަކަމަށް ފަހުން މަޖިލީހުގައި ވިދާޅުވިކަން ވިސާމް ފާހަގަކުރެއްވިއެވެ.

ވިސާމް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ލީކް ވެގެންއުޅޭ ލިޔުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމެއްކަމަށެވެ.

"މި ލީކްވެފައިވާ އެއްބަސްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި 2016 ވަނަ އަަހަރު ރައީސް ޔާމީން ދަތުރު ކުރެއްވި އިންޑިއާއަށް. އެ ދަތުރުގަ ޕީޕިއެމްގެ ލީޑާޝިޕްގެ އިސްވެރިންނާއި މިހާރު މަޖިލީހުގައި ތިބި ޕީޕީއެމްގެ އިސްވެރިންނާއި އެކު ކުރި ދަތުރެއްގައި އެބޭފުޅުން ވެފައިވާ އެއްބަސްވުން. އެބޭފުޅުންގެ ވެރިކަމުގައި އެބޭފުޅުން މިކަން ކުރިއަށްގެންދަން ނިންމާފައި އޮތްގޮތުގެ އެއްބަސްވުމުގެ ކޮޕީއެއް މި ލީކްވެގެން އުޅެނީ." ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިއީ އުމަރު ކުރައްސާ ސިޔާސީ ކަމެއްކަމަށާއި، މިފަދަ ކަންކަން ބެލެންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަނީ ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެކަން އެނގުމުންކަމަށެވެ.