Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

މިހާލަތުގައި ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ހުއްދަ: ފަތުވާ މަޖިލިސް

ކޮވިޑް-19 ގެ ހާލަތުގައި ގައިދުރުކޮށް ސަފުހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަކީ މަކުރޫހަކަމަކާ ނުލާ ހުއްދަ ކަމެއްކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ޤާއިމު ކުރުމާމެދު އިސްލާމްދީނުގައި އޮންނަ ގޮތް ހާމަކޮށް ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ބަލިމަޑުކަމުގެ ކާރިޘާގެ ހާލަތުގައި ދީނީ އިޖްތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާއްމު ހާލަތާއި އެއްގޮތަށް އަމަލު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

އެގޮތުން މި މައުޟޫގައި ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަކަމަށް ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވަނީ އިތުބާރު ހުރި ސިއްހީ މާހިރުންދޭ މައުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.

"އަދި މިއަމުރުތަކަށް ތަބާވުމަކީ ޝަރުއީ ގޮތުން އޮތް ވާޖިބެކެވެ. އެއީ އެއަމުރުތަކާ ހިލާފުވުމުން ނަފުސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެމީހަކު މަރާކުރިމަތިލައި ހަލާކުވެގެން ދިއުންވެސް ހިމެނޭތީއެވެ." ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވެއެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ ޖަމާއަތުގެ ނަމާދުގައި ސަފު ފުރިހަމަކުރުމާއި ކޮޑާކޮޑު ޖެހޭނެހެން އެއްސަފު އަނެއްސަފު ފުރިހަމަ ކުރަމުން ދިއުމާއި ނަމާދުގެ ސަފުތަކުގައި ހުސްތަން ފުރަމުން ދިއުމަކީ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ކަމެއްކަމަށެވެ. އަދި ނަމާދުގެ ސަފު ހުސްތަން ނުއޮންނަ ގޮތަށް ފުރިހަމަ ކުރުމަކީ ސުންނަތެއް ކަމަށެވެ.

"އެހެންކަމުން، އިސްވެ ދެންނެވުނު ގޮތަށް، އިޖުތިމާއީ ގައިދުރުކޮށްގެން ހެދޭ ފަރުޟުނަމާދުގެ ޖަމާއަތާއި، ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާ ނުލައި ސައްޚަވާނެކަމަށެވެ." ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައިވެއެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއްކަމަށެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެކަމަށެވެ.