Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު ރައީސް ނަޝީދު

ދަތުރުދާ ޒުވާނުން 'އިމޭޖަށް' ވިސްނައިގެން ދަތުރުދިއުން މުހިންމު: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދަތުރުދާ ޒުވާނުން އެމީހުންގެ 'އިމޭޖަށް' ވިސްނައިގެން ދަތުރުދިއުން މުހިންމު ކަމަށް މަޖިލީހުގެ ރައީސް އަދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ފުލުހުން ވ. އަންބަރާއަށް ދަތުރުދިޔަ ޒުވާނުންތަކެއް ހުއްޓުވާ ޖުރިމަނާ ކުރި މައްސަލައިގެ ޝަކުވާ ލިބިފައިވާކަން ފާހަގަކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޒުވާނުންނަށް ކުރިމަތިވީ ވަރަށްވެސް ދެރަގޮތެއް ކަމަށައި، އެ ދެރަވުމުގައި ބައިވެރިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ދާންވީ ދަތުރާއި ނުދާންވީ ދަތުރުވެސް އޮޅޭފަހަރު އަންނަކަމަށެވެ.

އަދި ރައީސް ނަޝީދު ވިދާޅުވީ ބައެއް ފަހަރު ޒުވާނުން ގްރޫޕް ގްރޫޕަށް ތިބެ ކުރާ ކަންކަމުގައި ފުލުހުންގެ ކަންބޮޑުވުންވެސް ހުންނަކަމަށެވެ.

"ފުލުހުން ކަންބޮޑުވޭ ޒުވާނުން ގްރޫޕް ތަކުގައި އަދި ގްރޫޕް ގްރޫޕަށް ތިބެ ދެން ބައެއް ފަހަރަށް އެ ބާވަތުގެ ގްރޫޕްތަކުން ކުރެވޭ ބައެއް ކަންކަމާއި ގުޅޭގޮތުންވެސް. ހާއްސަގޮތެއްގައި ހަރުކަށި ދީނީ ފިކުރުތަކަށް ލެންބި އެމީހުންގެ ތަމްރީނު ތަކަށް ފަޅުރަށްރަށަށް ދާ ހަބަރު މިއޮންނަނީ ފުލުހުންނަށް ލިބިފައި. އެހެންވިމާ އެ ކަންބޮޑުވުން ފުލުހުންގެ ހުންނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަތުރުދާ ޒުވާނުން އިމޭޖަށް ވިސްނަވަންޖެހޭ ކަމަށާއި، އެގޮތަށް ވިސްނުން ބަހައްޓައިގެން ދަތުރުދިއުމަކީ ބުއްދިވެރިކަމެއްކަމަށެވެ.

ފުލުހުން ވަނީ މި ދަތުރުގައި ދިޔަ 95 މީހުން ހުއްޓުވައި، ޖޫރިމަނާކޮށްފައެވެ. އެއީ އެޗްޕީއޭގެ ހުއްދައާއި ނުލައި، ދަތުރުކުރި އުޅަނދަށް އެރުވޭ އަދަދަށްވުރެ ގިނައިން މީހުން އަރުވާފައިވާތީއެވެ.