އުތުރު ތިލަފަޅުގައި އޮންނާނީ ދިވެހި ސިފައިންގެ ކޮންޓްރޯލް ކަމަށާއި، އެކަމުގައި ދޮގި ވާހަކަތައް ނުދެއްކުމަށް ސިފައިންގެ ލީޑާޝިޕުން ގޮވާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސޯޝަލް މީޑިއާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާންމު ކޮށްފައިވާ ލިޔުންތަކާއި ގުޅޭގޮތުން ސިފައިންގެ ފަރާތުންވަނީ ކަންކަން ސާފުކޮށްދެއްވާފައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ އެއްވެސް އަސްލެއްނެތް ވާހަކަތައް ބައެއް ފަރާތްތަކުން މީޑީއާގައި ސޯޝަލްމީޑިއާގައި ދައްކަމުންއަންނަކަމަށެވެ. އަދި އެގޮތަށް ރާއްޖޭގެ ސަލާމަތީ ކަންކަމާ ގުޅުވާ ދޮގުވާހަކަތައް ނުތެރުމަށް އިލްތިމާސް ކުރާކަމަށް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އެފަދަ ކަންކަން ކުރާނަމަ އެކަންކަން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލާނެކަމަށެވެ. އަދި ފިޔަވަޅު އެޅޭނެ ގޮތްތައް ބެލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ ލިޔުންކަމަށް ބުނެ ދައުރުވާ ލިޔުމުގެ މައްސަލައިގައި މީޑީއާއަކުން ސިފައިންގެ ޖެނެރަލަކާ ހަވާލާދީ ކަމަށްބުނެ އަދި ސޮއި ކުރެވުނު އެއްބަސްވުމާއި މެދު ޖެނެރަލުންގެ މެދުގައި މަޝްވަރާ ނުކުރެވޭކަމަށް ބުނެ ހަބަރުފަތުރާފައިވާތީ ޝަމާލް ވަނީ އެކަން ކުއްވެރި ކުރައްވާފައެވެ. އަދި ސިފައިންގެ އަބުރާ ކަރާމާތަށް ހުތުރުވާގޮތަށް ވާހަކަތައް ލިޔުމަކީ ހިތާމަކުރާކަމެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމާލް ވިދާޅުވީ އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެއީ ގައުމީ ދިފާއީ ބާރުން ވަރަށް ބޭނުންވާ ފެސިލިޓީއެއް ކަމަށާއި އެތަން އޮޕަރޭޓްކޮށް އެތަނުގައި ތިބޭނެ ބަޔަކު ކަނޑައަޅާނީ ވެސް ސީދާ ދިވެހި ދައުލަތުން ކަމަށެވެ.
މީގެ އިތުުރުން ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅު ތަރައްޤީ ކުރުމަށް ސޮއި ކޮށްފައިވާ ލިޔުމުގައި އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ތިބެވޭގޮތަށް ނޯންނާނެކަމަށެވެ. އަދި އެތަނުގައި އޮންނާނީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލް ކަމަށް ވިދާޅުވިއެވެ.