ދިވެހި އަސްކަރިއްޔާއަކީ ކުޅޭކުޅޭ ތަނެއްގެ ގޮތުގައި ދެއްކުމަށް ވާހަކަތައް ނުދެއްކުމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ގޮވާލައްވައިފިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލިޔުންތަކެއް އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެެވެ.
އެކަމާއި ގުޅެގޮތުން މިއަދު އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް މަންސޫރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސަލާމަތަށް އެމްއެންޑީއެފަށް ވުރެއް ބޮޑަށް ޤުރުބާންތަކެއްވީ މުއައްސަސާއެއް ނޯންނާނެކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ދިވެހި ސިފައިން ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވިއެވެ. އަދި އެ ޔަގީންކަން ދިވެހި ރައްޔިތުންގެ ހިތުގައި އަބަދުވެސް އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މަންސޫރު ވިދާޅުވީ ސިފައިންނާއި މެދު ރައްޔިތުންގެ ހިތުގައި ކަންކަން އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް އެދޭކަމަށެވެ.
"ދިވެހި އަސްކަރިއްޔާއަށް ނިސްބަތްކުރައްވާ އެވާހަކަތައް ނުދައްކަވާށޭ. މިއީ ކުޅޭކުޅޭ ތަނެއްގެ ގޮތުގައިވެސް ތިބޭފުޅުންގެ މައިދާންތަކުގައި ނުހައްދަވާށޭ. ރައްޔިތުންގެ ފުރިހަމަ އިތުބާރާ ޔަގީންކަން އަޅުގަނޑުމެންގެ މައްޗަށް ގެއްލިގެންދާ ގޮތަކަށް މަސައްކަތް ކުރެއްވިޔަސް އެކަމެއް ނުކުރެވޭނެ." ބްރިގޭޑިއާ ޖެނެރަލް މަންސޫރު ވިދާޅުވިއެވެ.
ސިފައިންގެ ތެރެއިން ބަޔަކު މިކަމުގައި ރިޝްވަތު ނެގިކަމަށް ތުހުމަތު ކުރުމާ، އަދި މިކަމުގައި މައުލޫމާތު ދިންކަމަށް ބުނެ ފިތުނަ ފަސާދަ އުފެދޭގޮތަށް ވާހަކަ ދެއްކުމުން، ސިފައިންގޭގައި ގިނަ ދުވަހު މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ވަރަށް ދެރަވާކަމަށްވެސް މަންސޫރު ވިދާޅުވިއެވެ. އަދި އެގޮތަށް އެފަދަ ވާހަކަތައް ދެއްކުމުން ގެއްލިގެންދަނީ ޤައުމީ މަސްލަހަތު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަންސޫރު ވިދާޅުވީ ކޯސްޓް ގާޑަށް މިފަދަ ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެކަމަށެވެ. އަދި މީގެ ކުރިން ކޯސްޓް ގާޑުގެ ބޮޑެތި އުޅަނދުފަހަރު ބެހެއްޓުމުގައި ގިނަ ހަރަދުތަކެއް ހިނގާފައިވާކަމަށާއި، އޭގެފަހުން އުތުރު ތިލަފަޅު ލިބިގެންވެސް އެތަނުގައި މިފަދަ ވަސީލަތެއް ޤާއިމު ކުރުމަށް މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި އުތުރު ތިލަފަޅު ތަރައްޤީ ކުރެވުމުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.