ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަންގްލަދޭޝަށް ވަޑައިގެންފިއެވެ.
ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއް ވެސް އެރުވުނު ކަމަށާއި، އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް، އެ މަނިކުފާނު ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.