Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި: ހެލްތް މިނިސްޓަރު

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވި ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް މިނިސްޓަރު ނަސީމަށް ސުވާލު ކުރުަމށް ލިބުނު ފުރުސަތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ވެންޓިލޭޓަރު މައްސަލައިގައި ސުވާލު ކުރައްވާފައެވެ.

"ވެންޓިލޭޓަރާއި ބެހޭގޮތުން އަޅުގަނޑަކަށް އިތުރު އެއްޗެއް ދެންނެވޭކަށް ނުވެސްނެތް. އެއީ ޕީޖީ އެބަ ވިދާޅުވޭ އެބޭފުޅުންނަށް ދައުވާ ކުރައްވާ ވާހަކަ، އެކަންތައްތަކާ ބެހޭ މީހުނަށް. އެހެންވީމަ އެހިސާބުގަ އޭތި އޮތީ." ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތައް ގެނައުމުގައި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓެއްގައެވެ. އޭގެ ފަހުން އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ވަނީ އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް ޕީޖީން އޭރު ނިންމާފައިވަނީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.

ޕީޖީން އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުމުން އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު ނިންމާފައިވަނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ދެންނެވުމަށެވެ. އަދި އެކަމާއި ގުޅިގެން ހޯދަންޖެހޭ އިތުރު ލިޔުންތައް ފުލުހުންނާއި އޭސީސީ މެދުވެރިކޮށް ހޯދުމަށްވެސް ޖުޑިޝަރީ ކޮމިޓީންވަނީ އެދިފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ދައުވާ ކުރުމަށް ނިންމި ކަމެއް އަދި މިހާތަނަށް ޕީޖީން ހާމަކޮށްފައެއް ނުވެއެވެ.