އުތުރު ތިލަފަޅު މައްސަލައިގައި ސިފައިން އިއްޔެ ޕްރެސް ކޮންފަރެންސް އެއް ބޭއްވުމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޯޝަލް މީޑިއާގައި ލިޔުންތަކެއް ލީކް ކޮށްލާފައިވާ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސިފައިންވަނީ އެ ލިޔުން ދޮގުކޮށްފައެވެ. އަދި އެއީ އެއްވެސް ހަޤިޤަތެއް ނެތް ލިޔުމެއްކަމަށާއި، ސިފައިންނާއި ގުޅުވާ ހަޤީޤަތެއް ނެތް ވާހަކަ ނުދެއްކެވުމަށް އެދޭކަމަށް ވިދާޅުވެފައިވެއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިއްޔަ އަސްކަރިއްޔާގެ އެންމެ ވަރުގަދަ ބްރިގޭޑިއާޒް އަރުއްވާ ޕްރެސް ކޮންފަރެންސެއްގައި އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭގޮތުން ވާހަކަދެއްކުމުން ކަންބޮޑުވާކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އަސްކަރިއްޔާއިން އެވާހަކަ ދެއްކުމަށްވުރެއް ބޮޑަށް ދިފާއީ ވަޒީރު އެވާހަކަ ދެއްކެވުން ރަނގަޅުކަމަށް ދެކޭކަމަށެވެ.
"ދިވެހި އަސްކަރިއްޔާއިން އެކަމުގެ ތެރެއަށް ވެންނެވީމާ މިވާގޮތަކީ ދިވެހި އަސްކަރިއްޔާ މިބާވަތުގެ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ގޮތުން ދައްކާ ވާހަކައަކައިގެ ތެރެއަށް ވެންނެވުމުގެ ސަބަބުން އަޅުގަނޑު ދެކޭގޮތުގައި ދިވެހި އަސްކަރިއްޔާ ސިޔާސީ ވުމަށް ވަރަށް ބޮޑަށް ބާރު އެޅިގެންއެދަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ބަދަލުގައި މި އެއްބަސްވުމުގައި ސޮއި ކުރި ފަރާތުން މިވާހަކަ ދެއްކެވިނަމަ އިތުރަށް ކަންކަން ސާފުވެގެންދާނެ ކަމަށް ޤާބޫލުކުރާ ކަމަށެވެ.