Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

މިދިޔަ އަހަރު 961 މައްސަލަ އޭސީސީން ނިންމައިފި

އޭސީސީގެ މެމްބަރުން - ފޮޓޯ: މަޖިލިސް

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖުމުލަ 961 މައްސަލައެއް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިދިޔަ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްޔެ އޭސީސީން ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓްގައި ވާގޮތުން 2020 ވަނަ އަހަރު ޖުމުލަ 857 ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މިގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން އެއް ޝަކުވާއެއް ތަކުރާރުވެފައިވުމުން ކޮމިޝަނުން ބަލައިގަނެފައިވާ ޖުމުލަ މައްސަލަތަކުގެ އަދަދަކީ 856 ކެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ ރރޭގައި އޭސީސީގެ އަމިއްލަ އިސްނެގުމަށް 82 މައްސަލައެއް ބެލުމަށް ކަނޑައަޅާފައިވާކަމަށް ވެސް އެކޮމިޝަނުގެ އަހަރީ ރިޕޯޓްގައިވެއެވެ.

އެހެންކަމުން 2020 ވަނަ އަހަރު އޭސީސީގައި ރަޖިސްޓްރީ ކުރެވުނު ޖުމުލަ މައްސަލަތަކުގެ އަދަދަކީ 938 ކެވެ. މީގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ޤާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕޯޓަލަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ 78 މައއްސަލައެއް ވެސް ހިމެނޭކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ.

އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމާއެކު ހަދާ އިވެލުއޭޝަންގައި، 2020 ވަނަ އަހަރު 886 މައްސަލައެއް ނިންމާައިވާކަމަށެވެ. އަދި މީގެ އިތުރުން، 2020 ވަނަ އަހަރުގެ ތެރޭގައި 75 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވާކަމަށް ރިޕޯޓްގައިވެއެވެ. އެހެންކަމުން އޭސީސީން ޖުމުލަ 961 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް އަހަރީ ރިޕޯޓްގައިވެއެވެ.