ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަންހެން ކަނބަލުންނަށް ނިސްބަތްވާ ގޮތަކަށް ދެއްކި ވާހަކައަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މައާފަށް އެދިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި އަނދުން ހުސައިންވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑު ޖައްސަވައިގެން ކަމަށް ވިދާޅުވެ މަލާމާތުގެ ރާގަށް ވާހަކަދައްކަވާފައެވެ.
"އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ޕެޑް ޖައްސަވާފައި ހުންނަވާ ތަން، ފަހަތުން ތެމިފަ، ލޭ ތެމިފައި." އެދުވަހުގެ ޖަލްސާގައި އަނދުން ހުސައިން ބުނެފައިވެއެވެ.
އަނދުން ހުސައިންގެ ވާހަކައާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
އެކަމާއި ގުޅިގެން މިއަދު ކުރި ޓްވީޓެއްގައި އަނދުން ހުސައިން ވިދާޅުވެފައިވަނީ ކަނބަލުންނަށް ނިސްބަތްވާފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މާފަށް އެދޭކަމަށެވެ.
"ބަލައިނުގަނެވޭނެ ފަދަ ވާހަކައެއްކަން ޤަބޫލުކުރަން." އަނދުން ހުސައިންގެ ޓްވީޓްގައިވެއެވެ.
އަދި އޭނާ ވަނީ އެފަދަ ބަސްތަކަށް އިތުރަށް ސަމާލުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.