Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ފެރީ ނިޒާމުގެ ހިދުމަތް ނޮވެމްބަރު މަހު ފަށަނީ

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ހިދުމަތް ނޮވެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށު ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް ބޭނުންވާ އުޅަނދުފަހަރު ބަނދެ، އެ އުޅަނދު ފަހަރުތައް ދުއްވަން ސީ ޓްރައިލްއެއް މިއަހަރު މެދު ތެރޭގައި ބާއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ ހިދުމަތް ނޮވެމްބަރު މަހުގެ ތެރޭގައި ހއ. ހދ. އަދި ށ. އަތޮޅުގައި ފެށޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށާއި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެ ކަމަށެވެ.

ރަށު ފެރީ ނިޒާމް އެޅުމަށްޓަކައި ކޮންމެ ރަށެއްގައި ފެރީ ޓާމިނަލް އަޅަން ޖެހޭ ކަމަށާއި އެކަމަށް ކޮންސެޕްޓް ޑިޒައިނެއް ހަދައި، އަގު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އުޅަނދުފަހަރު ބަނުމަށްޓަކައި އެމްޓީސީސީން ޓެންޑަރިން ޕްރޮސެސްއެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ތިން އަތޮޅުގެ ހިދުމަތް ދިނުމަށް ޖުމުލަ 17 އުޅަނދެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.