އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.
ފޭދޫ ސްޕޯޓްސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފާހި ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 5-2 އިން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފައިނަލްގައި ފޭދޫ ސްޕޯޓްސް މި މަހުގެ 20 ވަނަ ދުވަހު ނިކުންނާނީ މެދުވަލު އެފްސީއާ ދެކޮޅަށެވެ. މެދުވަލު އެފްސީ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބޭރުމަތި އެފްސީ ކަޓުވާލުމަށްފަހުއެވެ.
މިއަދު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ވެސް ފޭދޫ ސްޕޯޓްސް އިން ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) ކަމަށްވާއިރު އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ހާޒިގް އާއި ޔޫސުފް ސިދާމް އެވެ.
އަދި ދެވަނަ ހާފްގެ ކުރީކޮޅު ފޭދޫ ސްޕޯޓްސްގެ ފަސްވަނަ ގޯލު ސިދާމް ކާމިޔާބުކޮށްދިންއިރު، ފާހި ސްޕޯޓްސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ޒަޔާން އާއި ހުސެއިން ޝިފާޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސް ހާޒިގް އެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.