Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވާން ހުޅުވާލަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓުގެ ސައްހަކަން ގެއްލޭގޮތަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާނެކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު ނިމުނުއިރު 8000 ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

އެ ފަރާތްތައް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ތަންނޫން އެހެންތަނަކަށް ރަޖިސްޓްރީ ވުމަށް މި ހަފްތާގައި ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 26،750 ފޯމް ހުށަހަޅާފައިވާކަމަށް އީސީން މައުލޫމާތުދެއެވެ. މި އިންތިހާބަށް ވޯޓު ލުމުގެ ހައްޤު ލިބިގެންވަނީ 273128 މީހުންނަށެވެ.