Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

މިނިސްޓަރު ނަހުލާ ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ހ. އ. ޖައްސިމް ބިން ސައިފް އަލް ސުލައިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ގުޅިގެން ޓްރާސްޕޯޓު ސެކްޓަރ އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އުޅަނދުފަހަރު ރަޖިސްޓްރީ ކުރުން ޑިޖިޓަލައިޒްކޮށް، ސްޓޭންޑަޑައިޒްކުރުމާއި، ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިތުރަށް ހަރުދަނާކުރުމަށް ދާއިރާގެ ފަންނުވެރިންނަށް ޓްރެއިނިންގ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް އިންފްރާސްޓަރަކްޗަރ ތަރައްޤީކޮށް ލޭންޑް އެންޑް މެރިޓައިމް ރެގިއުލޭޝަނާއި ގުޅޭ ފަންނީ ލަފާ ފޯރުކޮށްދިނުމާއި ބެހޭ މަޝްވަރާތައްކުރެވުނު ކަމަށް މައުލޫމާތުލިބިފައިވެއެވެ.

މިގޮތުން މަޝްވަރާކުރެވުނު ކަންކަމާއި ގުޅޭ އެމް.އޯ.ޔޫ އެއްގައި ސޮއެ ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށާއި، މިފަދަ އެމް.އޯ.ޔޫ އެއްގައި ސޮއެ ކުރެވުން މިއީ ދެ ޤައުމުގެ ގުޅުން ކުރިމަގުގައި ބަދަހިވެ، ވަރުގަދަވެގެންދާނެކަމެއްކަން ދެބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ.