Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

ބިން ނުހިއްކައި އެއާޕޯޓު އެޅިދާނެ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބިން ނުހިއްކާ އެއާޕޯޓް އެޅޭނެ ކަމަށާއި، އެ ދިމާލަށް މިސްރާބު ޖަހަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް މަޖިލީހުގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ކުޑަވާގޮތަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިން ނުހިއްކާ ވެސް އުޅެވޭނެ ގޮތްތަކެއް ހުންނާނެ ކަމަށާއި ބިން ނުހިއްކައި އެއާޕޯޓުވެސް އެޅިދާނެ ކަމަށެވެ. އަދި ފްލޯޓިން ޓެކްނޮލޮޖީއަކީ ވެސް ބޭނުންކުރެވިދާނެ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ.

"ފަރުތަކާއި ބިން ނުހިއްކާވެސް އެއަރޕޯޓު އެޅޭނެ. އެމިސްރާބަށް ދާން އެބަޖެހޭ. ހަމައެކަނި އެނގޭ ކަންތައް އެއީ އަޅުގަނޑުމެން ކުރާ ކަންތައް ކަމަށް ބަލައިގެން އަޅުގަނޑުމެން ތިބެންޏާ އަޅުގަނޑުމެންގެ ރާއްޖެއެއް ސަލާމަތް ނުކުރޭނެ އަދި ދުނިޔެ ވެސް ސަލާމަތް ނުކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ގާނޫނުން ނެރެން ބޭނުންވާ އެއް ނަތީޖާއަކީ މިހާރު ވެސް ހޯދަމުންދާ އިގްތިސާދީ އަދި މާލީ ނަތީޖާތައް ނެރެމުން ތިމާވެއްޓަށާއި މާހައުލަށާއި ދުނިޔެއަށް ގެއްލުން ކުޑަކޮށް ތަރައްގީގެ މަސައްކަތްތައް ހިންގޭނެ ގޮތްތައް ހޯދުން ކަމަށެވެ. އަދި ރިނިއުބަލް އެނާޖީގައި ތަރައްޤީވާން މާފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.