ބަންގްލަދޭޝާއި ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ވަޑައިގެންފިއެވެ.
ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެއިތުރުން ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ އެޤައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.