Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު ކައުންސިލް އިންތިހާބް

ވާދަވެރިންގެ އަތްފައި ބަނދެފައި ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ: ހުސައިން

މެމްބަރު ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވާދަވެރިންގެ އަތްފައި ބަނދެފައި ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ވާދަވެރި ފަރާތްތަކުގެ އަތްފައި ބަނުމަށްފަހު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދީ، ސަރުކާރުން ދަނީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރަމުން ކަމަށެވެ.

ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް އިންތިހާބެއް އިންސާފުވެރިވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ.

ކައުންސިލް އިންތިހާބަށް 20 ދުވަހަށް ކައިރިވެފައިވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތްކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ އެކި ފަރާތްތަކުން ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދަތުރުކުރުމުން އެކަމަކީ އިންސާފުން ކުރެވޭކަމެއް ނޫންކަމަށްވެސް އަންނަނީ ބުނަމުންނެވެ.