މިއަހަރު ރަމަޞާން މަހު މާލޭގައި ތަރާވީޙް ނަމާދު ކުރާނީ ގައިދުރުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި މިކަން ހާމަކޮށްފައިވާއިރު މާލޭގައި މިހާރުވެސް ޖަމާއަތުގައި ކުރާ ނަމާދުތައް ކުރަމުން އަންނަނީ ގައިދުރުކޮށެވެ.
މި ރަމަޟާންމަހު މާލޭގައި ގައިދުރު ކަމާއި އެކު ތަރާވީޙް ނަމާދުކުރުން އޮންނާނެ#MVIaffairs #Ramadan1442
— Ministry of Islamic Affairs (@MVIaffairs) March 21, 2021
ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގައި ބައެއް އިލްމުވެރިންގެ ހިޔާލު ތަފާތު ވެފައިވާއިރު ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ މިކަމާއި ގުޅިގެން ފަތުވާއެއްވެސް ނެރެފައެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ސަފުހެދުމާއި ގުޅޭގޮތުން ފަތުވާ މަޖިލީހުން ބުނެފައިވަނީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ބަލިމަޑުކަމުގެ ކާރިޘާގެ ހާލަތުގައި ދީނީ އިޖްތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާއްމު ހާލަތާއި އެއްގޮތަށް އަމަލު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.
އެގޮތުން މި މައުޟޫގައި ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަކަމަށް ކަމަށެވެ.
ފަތުވާ މަޖިލީހުން ބުނެފައިވަނީ މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވަނީ އިތުބާރު ހުރި ސިއްހީ މާހިރުންދޭ މައުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.
"އަދި މިއަމުރުތަކަށް ތަބާވުމަކީ ޝަރުއީ ގޮތުން އޮތް ވާޖިބެކެވެ. އެއީ އެއަމުރުތަކާ ހިލާފުވުމުން ނަފުސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެމީހަކު މަރާކުރިމަތިލައި ހަލާކުވެގެން ދިއުންވެސް ހިމެނޭތީއެވެ." ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވެއެވެ.
ފަތުވާ މަޖިލީހުން ބުނެފައިވަނީ ޖަމާއަތުގެ ނަމާދުގައި ސަފު ފުރިހަމަކުރުމާއި ކޮޑާކޮޑު ޖެހޭނެހެން އެއްސަފު އަނެއްސަފު ފުރިހަމަ ކުރަމުން ދިއުމާއި ނަމާދުގެ ސަފުތަކުގައި ހުސްތަން ފުރަމުން ދިއުމަކީ ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ކަމެއްކަމަށެވެ. އަދި ނަމާދުގެ ސަފު ހުސްތަން ނުއޮންނަ ގޮތަށް ފުރިހަމަ ކުރުމަކީ ސުންނަތެއް ކަމަށެވެ.
"އެހެންކަމުން، އިސްވެ ދެންނެވުނު ގޮތަށް، އިޖުތިމާއީ ގައިދުރުކޮށްގެން ހެދޭ ފަރުޟުނަމާދުގެ ޖަމާއަތާއި، ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާ ނުލައި ސައްޚަވާނެކަމަށެވެ." ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައިވެއެވެ.
ފަތުވާ މަޖިލީހުން ބުނެފައިވަނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއްކަމަށެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެކަމަށެވެ.