އިފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޙުސައިން ފިޔާޒް މޫސާ އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔާޒް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަލަށް އުފައްދާ "އަދަދު" ނޫސް ހިންގެވުމަށެވެ.
ފިޔާޒަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ނޫސްވެރި ކަމުގައި 19 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ހަވީރު ނޫހުގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ފަރާތެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު:1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.