އޭޝިއާގެ އެންމެ ވަރުގަދަ އެެއް ގައުމު ކަމަށްވާ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ސީޑީއެލް ހޮސްޕިޓާލިޓީ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ޓްރަސްޓް (ސީޑީއެލް އެޗް-ރިއެޓް) އިން ރާއްޖޭގެ މަޝްހޫރު ރިޒޯޓެއް ކަމަށްވާ އަންގްސާނާ ވެލަވަރު ގަންނަން ނިންމައިފި އެވެ.
"ޓާޓްލް އައިލެންޑް" ގެ ނަމުން މަޝްހޫރުވެފައިވާ 112 ކޮޓަރީގެ އެ ރިސޯޓް ސިންގަޕޫރުގެ ކުންފުނިން ގަންނަނީ 71 މިލިޔަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށެވެ.
ސިންގަޕޫރުގެ އޮންލައިން ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" ގައި ބުނެފައިވަނީ ރިސޯޓް ގަތުމުގެ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފައި ވަނީ އެކުންފުނީ ސަބްސިޑައިރީ ކުންފުންޏެއް ކަމަށްވާ ސެންކްޗުއަރީ ސޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
ދ. އަތޮޅުގައި ތަރައްގީކޮށްފައިވާ އަންސާނާ ވެލަވަރަކީ ބަނިޔަންޓްރީ ހޯލްޑިންގްސް ލިމިޓެޑްގެ ސަބްސިޑައިރީއެއް ކަމަށްވާ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެކުންފުނީގެ 93.43 އިންސައްތަ ހިއްސާ އޮންން ރިސޯޓެކެވެ.
މި އެއްބަސްވުމާ އެކު އެ ވިޔަފާރި މުޢާމަލާތުގެ ބައެއްގެ ގޮތުން މޯލްޑިވްސް ބޭއިން ވަނީ ސެންކްޗުއަރީ މޯލްޑިވްސް އާ އެކު 10 އަހަރު ދުވަހުގެ މުއްދަތަށް އެ ރިސޯޓް ކުއްޔަށް ހިފުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ހަދައިފަ އެވެ.
އެގޮތުން މޯލްޑިވްސް ބޭއިން ސެންކްޗުއަރީ މޯލްޑިވްސްއަށް ކަނޑައެޅިފައިވާ ކުލީގެ އިތުރުން އެތަން ހިންގައިގެން ފައިދާގެ ގޮތުގައި ޖެހޭ ފައިސާގެ ކޮންމެވެސް އިންސައްތައެއް ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ސެންކްޗުއަރީ މޯލްޑިވްސް އަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނޫހުގައި ބުނެފައިވެ އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސީޑީއެލް އެޗް-ރިއެޓްގެ މެނޭޖަރު ވިންސެންޓް ޔިއޯ ބުނެފައި ވަނީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓް އެއްބަސްވުމާ އެކު އެފަދަ ވިޔަފާރީގެ ތެރެއަށް ވަނުމަށް އިތުރު މަގުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ބަނިޔަންޓްރީ ހޯލްޑިންގްސް ފަދަ ރިސޯޓް ދާއިރާގައި މަޝްހޫރު ކުންފުނިތަކާއެކު މިފަދަ ވިޔަފާރީގެ ގުޅުންތައް ކުރިއަށް ގެންދިއުމުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.