ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރު ކުރަނީ ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލިވާނެކަން ޔަގީން ވުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުން ފައިނަގާފައިވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކުރުމަށްކަމަށެވެ.
"ޑރ. މުއިއްޒަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީ." ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭސީސީގެ މެމްބަރުންނަށް ނިސްބަތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވެފައިވަނީ، "ޕަޕެޓުންތަކެއް" ކުރާނެ ތަހުގީގެއް ނޯންނާނެކަމަށެވެ.
މުއިއްޒު އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް މުއިއްޒު ހާޒިރުކުރާ މައްސަލައެއް ސާފުވެފައެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ޑރ. މުއިއްޒު ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ސެކްރަޓެރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.