Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

މަލީހުގެ ދިފާއުގައި ނާޒިމް، ވިދާޅުވީ ކޮމިޓީއަށް ހާޒިރުކުރީ ޒާތީ ކަމެއްގައިކަމަށް!

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކުރީ ޒާތީ ކަމެއްގައި ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މަޖިލީހުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކުރިއިރު މަލީހުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ނާޒިމެވެ.

އެގޮތުން ނާޒިމް ވަނީ މަލީހް މަޖިލީހުގައި ދެއްކި ވާހަކައަކަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުމަކީ ޒާތީކަމެއްކަމަށެވެ.

"ޚާއްސަކޮށް މިކަން ކުރެއްވުުމުގައި މަޖިލިސް ރައީސް އިސްނަންގަވައިގެން ވަކިބޭފުޅަކަށް އަމާޒުކޮށްގެން މިކަން ކުރައްވާކަން ފާހަގަކުރަން."

ނާޒިމް ވިދާޅުވީ މިނިސްޓަރުން ދައްކާ ވާހަކައަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާނަމަ މިނިސްޓަރުން ބޭނުންވާ ވާހަކައެއް މަޖިލީހަށް ހާޒިރުވެ ނުދެއްކާނެކަމަށެވެ. އަދި އެކަމަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ގަބޫލުކުރެވޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މަލީހް އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާދިނީ މަޖިލީހުން ބިރުދައްކައިގެން ކަމަށް ބުނެފައިވާތީއެވެ. މަލީހްގެ އެ ވާހަކަ ބެލުމަށް އިމްތިޔާޒް ކޮމިޓީއަށް އެންގެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.