މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ މެމްބަރުންނަށް އޭނާއަށް ސުވާލު ނުކުރެވޭނެކަމަށް ވިދާޅުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެކޮޅު ހައްދަވައިފިއެވެ.
މަލީހް އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާދިނީ މަޖިލީހުން ބިރުދައްކައިގެން ކަމަށް ބުނެފައިވާތީއެވެ. އެކަމާއި ގުޅިގެން މަލީހް ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލު ކޮށްފައެވެ.
މެމްބަރުން ސުވާލު ކުރުމުން މަލީހް ވަނީ ސުވާލު ތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަމިއްލަ ސްޓޭޓްމެންޓްތަކެއް ދެއްވާފައެވެ. އެގޮތުން ވިދާޅުވެފައިވަނީ މަޖިލީހުގައި އެއްވެސް ފަރާތަކުން ދައްކާވާހަކަ އަކާއި ގުޅިގެން ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށެވެ. މަލީހް މި މޭރުމުން ތަކުރާރުކޮށް ވާހަކަ ދެއްކުމުން ބައެއް މެމްބަރުންނާއި ކޮމިޓީގެ މުގައްރިރު ވަނީ ސުވާލުތަކަސް ޖަވާބު ދެއްވުމަށް އެދިފައެވެ. އެހެންނަމަވެސް މަލީހް ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުގެ ބަދަލުގައި އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަން ތަކުރާރު ކުރައްވާފައެވެ.
އެހެންނަމަވެސް މެމްބަރުން ވަނީ މިނިސްޓަރުން އިސްތިއުފާ ދިނުމަށް އަދި ހާއްސަކޮށް ކުރީގެ މިނިސްޓަރު ޝިދާތާ އިސްތިއުފާ މަޖިލިހުން މަޖުބޫރުކުރުމަށް ކުރީ ކޮން ކަމެއްތޯ ސާފުކުރުމަށް ސުވާލުކޮށްފައެވެ.
މަލީހް ވިދާޅުވީ އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަކީ ޤާނޫނުއަސާސީއާއި ހިލާފު ކަމެއްކަމަށެވެ.
މަލީހްގެ ވާހަކަތަކަށް ކޮމިޓީގައި ތާއީދުކުރައްވާ ވާހަކަ ދައްކަވާފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.