Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފި

މެމްބަރު މުހައްމަދު ރަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ގޮވާލައްވައިފިއެވެ.

ރަޝީދު މިފަދައިން ގޮވާލައްވާފައިވަނީ މާލޭގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ރަޝީދު ވިދާޅުވީ ކުއްލި ހާލަތުގައި އޮންނަތާ އަހަރަކަށް ވުރެއް ގިނަ ދުވަސް ވެފައިވާކަމަށާއި، އެހެންކަމުން އެ ހާލަތު އުވާލުމަށް ގޮވާލާކަމަށެވެ. އަދި ވިދާޅުވީ މި ހާލަތުގައި އަހަރަކަށްވުރެއް ގިނަ ދުވަސްވީއިރު ގިނަ ވިޔަފާރިތަކެއްވެސް ބަނގުރޫޓު ވެފައިވާކަމަށެވެ.

މެމްބަރު ރަޝީދު ވިދާޅުވީ އެހެން ޤައުމުތަކުގައި ކުއްލި ހާލަތު އިއުލާނުކޮށް ޤައުމު ބަންދުކޮށްގެން ގެންގުޅޭނީ ސިއްހީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލެއް ނާންނަކަމަށާއި، އޮތީ ހަމަ އެއްވަރެއްގައިކަމަށެވެ.

"ނޭވާ ހޮޅިންވެސް ވައްކަން. ފުއްޗާމޭންވެސް ވައްކަން. ހަމަ ވަގައް ނެގީ." މެމްބަރު ރަޝީދު ވިދާޅުވިއެވެ.

މިކަންކަމުގައި ޓެގްޓީމްގެ މަސްލަހަތު އޮންނަކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ މިކަމުގެ ތެރެއިން ބަޔަކު ނާޖައިޒު ފައިދާ ނަގާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އަދި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮންނަކަމަށެވެ.

މާލޭގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް މައްސލަައެއް ހުށަހަޅުއްވާފައިވަނީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.