Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު: މައިމޫނާ

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ކޮވިޑް-19 ގެ ނުރައްކާ އަދިވެސް ބޮޑު ކަމަށާއި، ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރުން މުހިންމު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މައިމޫނާ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުވެ މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މައިމޫނާ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މައިމޫނާ ވިދާޅުވީ، ކެފޭ ރެސްޓޯރެންޓް ތަކުގައި ތިބެންޖެހެނީވެސް މާސްކް ނަގައި ގައިދުރުކަމެއް ނެތި ކަމަށާއި، އެހެންކަމުން އެފަދަ ތަންތަނަނީ ބަލި ފެތުރިގެން ދިއުން ބޮޑެތި ތަންތަން ކަމަށެވެ.

މައިމޫނާ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އެބޮތްކަމަށާއި، މުހިންމީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން އަމަލު ކުރުންކަމަށެވެ.

"މި ފިޔަވަޅުތައް އަޅާފައި ވަނީ ރިސްކް ލެވެލްތަކެއް ކެޓެގަރައިޒް ކޮށްގެން. ރިކްސް ބޭސްޑްކޮށް ބަލާނަމަ ކެފޭ ރެސްޓޯރެންޓްތަކުގަ ރިސްކް ބޮޑު" މައިމޫނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކުއްލި ނުރައްކަލުުގެ ހާލަތު އަދިވެސް އޮތުން މުހިއްމު ވަނީ ކޮވިޑްގެ ސަބަބުން ކުއްލިއަކަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އެފަދަ ފިޔަވަޅުތައް އަޅަން ފަސޭހަވެގެންދާނެ ކަމަށެވެ.