Last Updated: July 1, 09:43
Wednesday, July 1, 2026
ޚަބަރު

އޮޑިޓް ރިޕޯޓްތައް ރަނގަޅަށް ބަލާނަމަ މުއިއްޒު އޮންނާނީ ކުޑަ ގޮޅީގަ: އިލިޔާސް ލަބީބް

މެމްބަރު އިލިޔާސް ލަބީބް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އޮޑިޓް ރިޕޯޓްތައް ރަނގަޅަށް ބަލާނަމަ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސީޓީ މޭޔަރު ކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އޮންނާނީ ކުޑަ ގޮޅީގައި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޕީޕީއެމަށް ހިތްވަރު ދޭކަމަށާއި، އަދި އެދެނީ ޕީޕީއެމް ޕިއެންސީ ނިކުމެ ސިޔާސީ ހަރަކާތްތައް ރަނގަޅަށް ހިންގުމަށްކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ހުރިހާ ކަމަކަށްވެސް ދަތިތަކެއް އެބަހުރިކަން ފާހަގަކޮށް އިލިޔާސް ލަބީބް ވިދާޅުވީ މިދަތީގެ ތެރޭގައި ކެމްޕެއިން ކުރަންވީ ގޮތާއި ކަންކަން އިދިކޮޅުން ދަސްކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން އިލިޔާސް ލަބީބް ވިދާޅުވީ ހަމަހަމަ ފުރުސަތު ދޭނަމަ ކަންކަން އޮންނާނީ ވަރަށް ދެރަކޮށްކަމަށެވެ.

"ޔާމީން ސަރުކާރުގަ ހިންގަވާފަ ހުރި އޮޑިޓް ރިޕޯޓްތަކަށް ބައްލަވައިފިއްޔާ މާލޭގެ ޕީޕީއެމްގެ ކެނޑިޑޭޓް މިހާރު އޮންނާނީ ކުޑަ ގޮޅީގަ. ވައްކަން ކޮށްފަހުރީ މުޅީ މާލެއިން، މުޅި ރާއްޖެ، މުޅި ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފަ ހުރިކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބަހުރި. ހަމަހަމަ ފުރުސަތު ދީފިއްޔާ މިއީ ވާންއޮތްގޮތް." އިލިޔާސް ލަބީބް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްތައް ރަނގަޅަށް ބަލާނަމަ މުއިއްޒު އޮންނާނީ ކުޑަ ގޮޅީގައި ކަމަށް އިލިޔާސް ލަބީބް ވިދާޅުވިއިރު، މުއިއްޒުއަށް ވަނީ އޭސީސީއަށް ހާޒިރުވުމަށްވެސް އަންގާފައެވެ. އެހެންނަމަވެސް މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަމަށް ސާފެއްނުވެއެވެ.