ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހަމަހަމަ ފުރުސަތު ނެތްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ސައީދު ވިދާޅުވީ ޑިމޮކްރެސީގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުން ކަމަށްވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް އެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވެސް މިނިވަން މުސްތަގިއްލު އިންތިހާބެއް ބޭއްވުމަށް ލާޒިމުކަން ފާހަގަކޮށް ސައީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތަށް އެ ކޮމިޝަނުން ހަމަ ހަމަ ފުރުސަތުތަކަށް އިހުތިރާމް ނުކުރާ ކަމަށެވެ.
ސައީދު ވިދާޅުވީ ކޮވިޑް-19 ގެ ގައިޑްލައިންތަކުގެ ސަބަބުން ރައްޔިތުން ރަށު ބަންދުގައި ތިބޭ ކަމަށާއި އެ ގައިޑްލައިންތައް ބޭނުން ކުރަމުންދަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްކަމަށެވެ.