Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ހަމަހަމަ ފުރުސަތު ދީފިނަމަ އޭގެ ގެއްލުންވާނީ ޕީޕީއެމްއަށް: ހަސަން ލަތީފް

ހަމަހަމަ ފުރުސަތު ދީފިނަމަ އޭގެ ގެއްލުންވެސް ވާނީ އިދިކޮޅު ޕާޓީތަކަށް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހަމަހަމަ ފުރުސަތު ނެތްކަމަށް ބުނެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އަދި ކެންޑިޑޭޓުންނާއި މެދު ހަމަހަމަ ފުރުސަތު ނެތުމަށް މެދުވެރިކަމެއް ކުއްލި މައްސަލައިގައި ބުނެފައިނެތްކަމަށެވެ.

ހަސަން ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެމުން ގެންދާނެކަމަށާއި، އެއީ އަލަށް ކުރާކަމެއް ނޫންކަމަށެވެ. ރާއްޖެއަށް ގެނެސްފައި އޮތީ ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައި އިންތިހާބުތައް ބާއްވާކަހަލަ ނިޒާމެއްވެސް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބިދޭންޖެހޭކަމަށް ޤަބޫލުކުރާކަމަށާއި އެހެންނަމަވެސް ހަމަހަމަ ފުރުސަތު ނެތްކަމަށް ޤަބޫލުނުކުރާނެކަމަށެވެ.

"އެމްޑީޕީއަށް ލިބިފައެއްނެތް ޕީޕީއެމްއަށް ނުލިބޭ ފުރުސަތެއް." ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ހަމަހަމަ ފުރުސަތު ސަރުކާރުން އިދިކޮޅަށް ރަނގަޅަށް ދީފިނަމަ އޭގެ ބޮޑު ގެއްލުންވެސް ވާނީ ޕީޕީއެމްއަށް ކަމަށެވެ. އެގޮތުން ހަމަހަމަ ފުރުސަތު ދީގެން އެމްއެމްޕީއާރްސީގެ މައްސަލަ ރީއްޗަށް ބަލާ ނިންމައިފި ނަމަ ސައީދު މަޖިލީހުގައި ކުއްލި މައްސަލަ ހުށަހަޅަން އިންނާނެ ކަމާއި މެދު ވެސް ޝައްކު އުފެދޭކަމަށް ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އެ މައްސަލަތައް ނުބެލި އޮތްކަމަކީވެސް އެބޭފުޅުންނަށް ލިބޭ ފުރުސަތެއްކަމަށެވެ.

ހަސަން ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް ހަމަހަމަ ފުރުސަތު އެބައޮތް ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފަން އިދިކޮޅަށް ނޭންގިގެން އުޅޭކަމަށެވެ.