Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ބިލު ހުށަހަޅައިފި

މެމްބަރު ހުސައިން ޒިޔާދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ. މިއަދު ވަނި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއި އެ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓުގައި ފުށުއެރުންތަކެއް ހުރުމުން މައްސަލަތަކެއް ދިމާވަމުންދާ ކަމަށާއި އެކަން ނައްތާލުމަށްޓަކާ ކޮންމެވެސް އެއް ތަނެއް އުވާލަންޖެހޭކަން ރައީސް ހާމަކުރެއްވީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ރައީސް ވިދާޅުވެފައިވަނީ މި ބަދަލު ގެންނައިރު ޓްރާންސްޕޯޓު އޮތޯރިޓީގައި ތިބި މުވައްޒަފުންނަށް ދެރަ ނުވާނެ ގޮތަކަށް ބައްޓަން ކުރާނެ ކަމަށެވެ.