Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ޓެކްސީ ހިދުމަތާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ، މައްސަލައެއްގެ ގޮތުގައި ހުށަހަޅަން އެދެފި

ޓެކްސީ ޚިދުމަތްދެވޭ ގަޑި އިތުރުކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ، މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ޓެކްސީ ޚިދުމަތްދެވޭ ގަޑި އިތުރުކުރަން ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ އިދާރާއަށް އެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ގަބޫލު ނުކުރެވޭކަމަށެވެ. އެހެންކަމުން ކުއްލި މައްސަލައިގެ ބަދަލުގައި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައިފިނަމަ އެޖެންޑާ ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މެމްބަރު ހުސައިން މުހައްމަދު ލަތީފް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ ރެސްޓޯރެންޓްތަކަށް ރޭގަނޑު 10:30 އާ ހަމައަށް ހިދުމަތްދެވޭގޮތަށް ލުއިދީފައިވީ ނަމަވެސް، މާލޭގެ ޓެކްސީގެ ހިދުމަތް ދެމުންދާ ފަރާތްތަކަށް އެފަދަ ލުޔެއް ލިބިފައި ނުވާކަމަށެވެ.

އަދި ހަވީރު ހަޔަކުން ފެށިގެން ޓެކްސީތައް ޕާކުކޮށްފައި ގެއަށސް ވަންނަން ޖެހުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ނިކަމެތި ކަމެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ކެފޭތައް ހުޅުވާފައި ހުންނަ ގަޑި އިތުރު ކުރިއިރު ޓެކްސީތަކުގެ ހިދުމަތް ދޭގަޑި އިތުރުވެގެން ނުދިއުމަކީ އެހާ ދެކޮޅުޖެހޭ ކަމަކަށް ނުވާތީ ކުއްލި މައްސަލަ ހުށަހަޅާކަމަށެވެ.