މާލެ ކައިރީ އޮތް ތެޔޮ ފުނަދޫ އަކީ ނުރައްކާތެރި ތަނެއްކަމަށާއި، އެތަން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މާލެ ކައިރީގައި އޮތް ތެޔޮ ފުނަދޫ އެތަނުން ނަގަންޖެހޭކަމަށެވެ.
"ފުނަދޫ އެއީ ނުރައްކާތެރި ތަނެއް. ފުނަދޫ ހުރިތާންގައި އަޅަންޖެހޭނީ 300 މީޓަރުގެ ބޮޑު ޓަވަރެއް." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ މިހާރު ހުރި ފިއުލް ފާމް ހުރީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިކަމަށެވެ. އަދި ފުނަދޫގައި ހުރި ތެޔިތައް އެނޫން އެހެންތަނަކަށް ބަދަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އެތަންތަނުގައި އަލިފާން ނިއްވުމުގެ ކަންކަން ހުރިގޮތް ރަނގަޅަށް ބަލާ އޮތޯރިޓީތައް ރަނގަޅަށް ހިންގަން ޖެހޭކަމަށެވެ.
ތެޔޮ ރައްކާކުރާ ފުނަދޫ އަކީ އެސްޓީއޯގެ ބެލުމުގެ ދަށުގައި އޮންނަތަނެކެވެ. 2013 ވަނަ އަހަރު އެސްޓީއޯގެ އޭރުގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވަނީ ފުނަދޫ އަކީ ތެޔޮ ރައްކާކުރަން އެންމެ ރަނގަޅުތަން ނޫންކަމަށާއި، ފުނަދޫ ނޫންތަނަކަށް ތެޔޮ ރައްކާކުރުން ބަދަލުކުރަންޖެހޭކަމަށާއި އެމަސައްކަތް ކުރަން ވިސްނާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އެމަސައްކަތް އޭރުވެސް ހިނގާފައެއްނުވެއެވެ.