މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވުމުން އެވާހަކަތަކަށް އޭސީސީން ރައްދު ދީފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީި ކޮމިޝަނުން ތަހުޤީޤުކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަހުޤީޤުތަކެއްކަމަށެވެ. އެގޮތުން، މައްސަލަތަކުގެ ތަހުޤީޤު ފަށާނެ ނުވަތަ ތަހުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށާއި، އަދި ކޮމިޝަނުން ތަހުޤީޤުކުރާ މައްސަލަތަކުގެ ތަހުޤީޤު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަޙުޤީޤު ކުރިއަށްގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމުގައިކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.
އޭސީސީން ކުރިއަށްގެންދާ ތަހުގީގުތަކަށް ހާޒިރުކުރާ ފަރާތްތައް ހާޒިރުކުރާ ދުވަހާއި ކަންކަން ކޮމިޝަނުން މީޑިއާއަށް ހިއްސާނުކުރާކަން ފާހަގަކޮށް އޭސީސީން ބުނެފައިވަނީ މުއިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން އެ ކޮމިޝަނުން މީޑީއާއަށް ހިއްސާ ނުކުރާކަމަށެވެ.
"އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށްވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތެކެއް ކަމުގައި ދަންނަވަމެވެ." އޭސީސީގެ ބަޔާނުގައިވެއެވެ.
މާޗް 23 ވަނަ ދުވަހު ޑރ. މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރިފަހުންވެސް މީގެކުރިން މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ޑރ. މުއިއްޒު އޭސީސީއަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ހަގީގަތާއި ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއްކަމުގައިވާތީ، އެކަމާމެދު ކަންބޮޑުވާކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.