Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

20،000 އަށްވުރެއް ގިނަ މީހުނަށް އިންކަމް ސަޕޯޓް އެލަވެންސް ދީފި

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށްދެމުން ގެންދާ އިންކަމް ސަޕޯޓް އެލަވެންސް 20،000 އަށްވުރެއް ގިނަ މީހުނަށް ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 20،768 މީހަކަސް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 359.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދެމުންގެންދެއެވެ. ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވުމާއި އުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރެއް އެންމެ ބޮޑަށް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރަމުން އަންނަ ފަރާތްތަކަށެވެ.