Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު އެމްޑީޕީ

ހައްޤުތަކަށް އުނިކަން ލިބޭގޮތަށް ދައްކާ ވާހަކަތައް ބަލައިނުގަންނާނަން: އެމްޑީޕީ

ރައްޔިތުންގެ ހައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތްތަކަށް ދައްކާ ވާހަކަތައް އެމްޑީޕީން ބަލައިނުގެންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށްވެހި ފަތިސް ސްޕޯކްސްޕާސަން މުހައްމަދު ސައިފް ފާތިހް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ހައްޤުތައް ހޯދައިދިނުމަށް ވަކާލާތުކުރި ޕާޓީކަމަށެވެ.

ސައިފް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ޤަބޫލުކުރަނީ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ހިފެެހެއްޓެން ވާނީ ޤަނޫނުއަސާސީގައި ބަޔާންވެގެންވާ ހާލަތްތަކުގައި އެ ބަޔާންވެގެންވާ މިންވަރަށް އެކަނިކަމަށެވެ.

"އެޔަށްވުރެއް އިތުރަށް އެއްވެސް ހައްޤަކަށް ބިރުވެރިކަން އަންނަގޮތަށް، އެއްވެސް ހައްޤަކަށް އުނިކަން އަންނަގޮތަށް، އެއްވެސް ހައްޤަކަށް ހަނިކަން އަންނަގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ، އެއްވެސް އަމަލެއް ކުރުމަކީ، އެއްވެސް ފިޔަވަޅެއް އެޅުމަކީ އަޅުގަނޑުމެންގެ ކެމްޕޭނުންވެސް އަދި ޕާޓީންވެސް ޤަބޫލުކުރާނެ ކަމެއްނޫން." ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ސިވިލް ސާވެންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ ހާޒިރީ ބަލައިގެން ޖަލްސާތަކަށް ނެރުމާއި ކެމްޕޭނަށް ނެރުންފަދަ ކަންކަން ކޮށްފައިނުވާނެކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް އަންނަނީ އެ ވާހަކަ ކުށްވެރިކުރަމުންނެވެ.